ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ވަގުތީގޮތުން ކަރަންޓު ކަނޑާލަން ޖެހޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދާނީ 13 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި މި މަސައްކަތުގެ ތެރޭގައި ކޮންމެ އެޕާޓްމަންޓަކުން ވެސް ގާތްގަނޑަކަށް 30 މިނިޓަށް ކަރަންޓު ކެނޑިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
މި މަސައްކަތަކީ އެއްފަހަރާ ނިންމާލެވޭ ވަރުގެ މަސައްކަތެއް ނޫންކަން ފާހަގަކޮށް، އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ މަސައްކަތެއްކަން ވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މި މަސައްކަތަކީ ރައްޔިތުންނަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

