ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ޑޯގަން ކްލާސްގެ މިސައިލު ފޮނުވޭ މަނަވަރެއް ދިވެހިރާއްޖެއަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.
ދިފާޢީ ވުޒާރާއިން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ކޯސްޓް ގާޑްގެ ޤާބިލުކަން އިތުރުކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވެގެންދާ ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ ރަހުމަތްތެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ ސަބަބުން ލިބިގެންދާ ކުރިއެރުމެއްކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި އުޅަނދު ދިވެހި ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރުމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު އިތުރަށް ފުޅާކުރުމަށް ލިބޭނެ މުހިންމު ކުރިއެރުމެއްކަމަށް ދިފާޢީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. މި އުޅަނދު އޮޕަރޭޓްކުރުމަށްޓަކައި ދިވެހި ސިފައިންގެ ޓީމެއް މިހާރުވެސް ދަނީ ތުރުކީގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މީގެ ކުރިން ވެސް ތުރުކީ ވިލާތުން އުފައްދާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެއް ވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްފައެވެ.
މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރުމުން، ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ދިފާޢީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

