ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާން ކުރެވޭ ޖީނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ސްކޮލަރޝިޕްގެ ދަށުން އިސްލާމީ ޢިލްމުގެ މުހިންމު އަދި ތަފާތު ދާއިރާތަކުން މާސްޓަރ އަދި ޕީއެޗްޑީގެ ގިނަ ފުރުޞަތުތަކެއް ހުޅުވައިލެވޭނެ ކަމަށެވެ.
މިނިސްޓަރު ޑރ. ޝަހީމް އިތުރަށް ހާމަކުރެއްވި ގޮތުގައި، “މިޞްރު އަދި ސަޢުދީ އަރަބިއްޔާ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް” ވެސް އިޢުލާންކުރެވޭނެއެވެ. އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސްޕެޝަލިސްޓުން ރާއްޖޭގައި ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށް ވިދާޅުވިއެވެ.
މި ފުރުޞަތުތަކަށް ފަންޑުކުރެވޭނީ ޒަކާތު ފަންޑުގެ “ފީ ސަބީލިﷲ” ބައިން ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންގެ ދީލަތިކަމާއެކު ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެންދިޔަ ނަޞްރެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ޒަކާތު ފަންޑުން މިހާރު ވެސް ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސްފަރުވާއަށާއި، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށާއި، ބޯން މެރޯ ހެދުމަށާއި، ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ހޭދަކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

