ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ ހައްޔަރުގައި ހުއްޓައި ފިލައިގެން ދިޔަ މީހެއްގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް ކޮށްފިއެވެ
މި މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގދ. ވާދޫ، ދިއްގާގަސްދޮށުގޭ، އަލީ ޝަމީމް (27އ) އެވެ. ޝަމީމް ހައްޔަރުކޮށްފައިވަނީ އަމިއްލަ ގޭގައި ބަނގުރާ އުފައްދައި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 23 ޖުލައި 2024 ވަނަ ދުވަހުއެވެ.
ޝަމީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށްފަހު، 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ބަންދުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ވާދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުއްޓައި އޭނާ ވަނީ ފިލައިގެން ގޮސްފައެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޝަމީމްގެ މައްޗަށް ދައުވާކޮށްފައިވަނީ “ޖިނާއީ ބަންދެއްގައި ހައްޔަރުކޮށްފައިވާ މަރުކަޒެއްގެ މުވައްޒަފެއްގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލުމުގެ ކުށުގެ” ދަޢުވާއެވެ. ކޯޓުގައި މި ދަޢުވާއަށް ޝަމީމް އިއުތިރާޒު ކުރި ނަމަވެސް، އޭނާ އެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

