ނ. އަތޮޅު މަގޫދޫގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މުހިންމު މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ޕްރޮޖެކްޓް ސައިޓު މޮބިލައިޒް ކޮށްފިއެވެ. މި ދެ މަޝްރޫޢުގެ ދަށުން އެރަށުގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި އައުޓްޑޯ ޖިމެއް ޤާއިމުކުރެވިގެންދާނެއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 350 މީހުންގެ އާބާދީއެއް ދިރިއުޅޭ މަގޫދޫގައި މި މަޝްރޫޢުތައް ފުރިހަމަވުމުން، އެރަށު ރައްޔިތުންނަށް އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި، ޚާއްސަ އިރުޝާދުފުޅުގެ ދަށުން ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހުއްޓިފައި ހުރުމާ ގުޅިގެން އަލުން އެ މަސައްކަތްތައް ފެށުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބައެކެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔا 44 އަހަރު ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

