ގައުމީ އެއާލައިން، މޯލްޑިވިއަންއިން އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމަށް މަސައްކަތް ފަށައިފިއެވެ. މިގޮތުން އައިލެންޑް އޭވިއޭޝަނުން ވަނީ އެއާބަސް އޭ-330-200 މަރުކާގެ މަތިންދާބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް އިޢުލާން ކޮށްފައެވެ.
އައިލެންޑް އޭވިއޭޝަނުން މިކަމާ ގުޅޭ ގޮތުން ހާމަކުރި މަޢުލޫމާތުގައި، މި މަތިންދާބޯޓު ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި މި މަތިންދާބޯޓުގައި ބިޒްނެސް ކްލާހުގައި މަދުވެގެން 20 ސީޓު ހުރުން ލާޒިމު ކުރެއެވެ.
މޯލްޑިވިއަންއަށް ފުރަތަމަ ފަހަރަށް އެއާބަސް އޭ-330 މަތިންދާބޯޓެއް ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓު މިހާރު ދަތުރުކުރަމުންދަނީ ޗައިނާގެ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޔޫރަޕަށްވެސް ދަތުރުތައް ފެށުމަށް ވަނީ ރޭވިފައެވެ.
މިހާރު މޯލްޑިވިއަންގައި ހުރި އޭ-330 މަތިންދާބޯޓަކީ އެއްވެސް ތަނެއްގައި ނުޖައްސާ 13،000 ކިލޯމީޓަރަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުގައި ތިން ކްލާހެއް ހިމެނޭއިރު، ބިޒްނަސް ކްލާހުގައި 18 ގޮނޑި، ފްރިމިއަމް އިކޮނޮމީގައި 36 ގޮނޑި އަދި އިކޮނޮމީ ކްލާހުގައި 210 ގޮނޑި ހިމެނެއެވެ. މީގެ އިތުރުން ކޮންމެ ފަސިންޖަރަކަށް 40 ކިލޯގެ ބެގޭޖު އުފުލުމުގެ ޖާގަ ލިބެއެވެ

