ހދ. ފިނޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިވަގުތު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނީ މިވަގުތު ކުރިއަށްދަނީ ކުއޭ ވޯލް ބްލޮކް ލައިން އަދި ހާބަރ ބޭސިން ޑްރެޖިންގގެ މަސައްކަތް ކަމަށެވެ.
44.59 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 35،484.05 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5،848.05 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 219 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 82 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 248 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 2،198.65 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ދަށުން 10 މީޓަރުގެ ދިގު، ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި އަދި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަޝްރޫޢަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

