ދަރިފުޅަށް ހިސާބު ނަންބަރު އެކަކާ އެކެއް އެއްކުރީމަ ދޭއްވާކަން ނޭނގުނީމަ ރުޅި ނާންނާށެވެ. ފަސް އާފަލުން ހަތަރު އާފަލު ހަލާކުވީމަ ބާކީ އޮތީ ކިތައް އާފަލުހޭ އެހުމުން ފަސް އާފަލޭ ބުނުމުން އެވަރު އެއްޗެއް ނޭނގުނޭ ކިޔާ ހަޅޭނުލަވާށެވެ. އުމުރުން ދިހަ އަހަރުވީއިރު ތިނަކާ ތިނެއް ގުނަ ކުރީމަ ވަނީ ނުވައެއްކަން ނޭނގެއޭ ކިޔާ ބަސް ނުބުނާށެވެ. އެއީ ގަސްދުގައި ކުރާ ކަމެއް ނޫނެވެ. އެކުއްޖާއަށް ހަގީގަތުގައިވެސް ހަމަ ވިސްނައިނުގަނެވެނީކަން ދެނެގަންނާށެވެ. ހަޅޭލަވާ އަނިޔާކޮށް އަދަބުދިނަސް އެކުއްޖާގެ ސިކުނޑީގައި ނެތް ވިސްނުމެއް ގަދަބާރުން ނުގެނެވޭނެއެވެ. ދެން ހިތަށް އަރާފާނެއެވެ. އެހެންމީހުންގެ ދަރިންނަށްވެސް އެނގެއެވެ، މަގޭ ދަރިފުޅަށް ނުވަތަ މަގޭ ދަރިވަރަށް ނޭނގެންވީ ކީއްވެހެއްޔެވެ. ހަމަ ގަސްދުގައި ހިސާބު ނުކިޔަވަން ވެގެން ޖައްސާ މަކަރުވެރި އެއްޗެއްސެވެ. ނޫނެކެވެ. އެހެންވާންވީ ކީއްވެހެއްޔެވެ. ނޭނގެންވީ ކީއްވެގެން ހެއްޔެވެ. އެވަރަށް ކިޔައިދޭއިރު އެވަރުގެ ކުޑައެއްޗެއް ނޭނގެންވީ ކީއްވެހެއްޔެވެ. ގަސްދުގައި ދޮގުހަދައި އޮޅުވާލަނީ ކަންނޭނގެއެވެ. ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ ތި ސުވާލުގެ ޖަވާބެވެ.
ޑިސްކަލްކިއުލިއާ: ހިސާބު ދަސްކުރުމުގައި ދިމާވާ ދަތިތައް
ހިސާބު ވިސްނުމާއި ދަސްކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މިފަދަ ދަތިތައް ދިމާވާ ހާލަތަށް ކިޔަނީ "ޑިސްކަލްކިއުލިއާ" އެވެ. މިއީ ހިސާބު މާއްދާއާ ގުޅުން ހުރި ބައިތައް ވިސްނައިގަތުމާއި ދަސްވުމުގެ ނުކުޅެދުންތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޑިސްކަލްކިއުލިއާގެ އަލާމާތްތައް: މި ހާލަތުގައި ހުންނަ މީހުންގެ ކިބައިގައި އެކި ބާވަތުގެ އަލާމާތްތައް ފެންނަން ހުރެއެވެ. އޭގެ ތެރޭގައި އަދަދުތައް ދެނެގަތުމުގައި ދަތިވުމާއި، އަދަދުތަކުގެ ތަފާތު ވިސްނުމުގައި ދަތިވުން ހިމެނެއެވެ. އަދި ހިސާބުގެ އަސާސީ މަފްހޫމްތައް ދަސްކުރުމުގައި ވެސް ދަތިތަކާ ކުރިމަތިވެއެވެ.

ހިސާބު މާއްދާއާ ގުޅުން ހުރި ބައިތައް ވިސްނައިގަތުމާއި ދަސްވުމަށް ދަތިވެ އުނދަގޫވުން؛ޑިސްކެލްކިއުލިއާ/ ފޮޓޯ: ޓީޗްވަން
އަސާސީ ހިސާބު ދަސްކުރުމުގެ ގޮންޖެހުންތައް: ގުނަކުރުމުގެ ތާވަލުތަކާއި، އެއްކުރުމާއި އުނިކުރުމުގެ އަސާސީ ހިސާބުތައް ހަނދާނުގައި ބެހެއްޓުމަށް ދަތިވުމަކީ މި ހާލަތުގައި ހުންނަ ކުދިންނަށް ދިމާވާ އާންމު މައްސަލައެކެވެ. މީގެ އިތުރުން، ވަގުތު ބެލުމާއި، ކަލަންޑަރު ބޭނުންކުރުމުގައިވެސް ދަތިތަކާ ކުރިމަތިވެއެވެ.
ޖާގައާއި ބެހޭ ވިސްނުން: ޖިއޮމެޓްރީއާއި، އަލްޖިބްރާ، ފަދަ ބައިތައް ދަސްކުރުމުގައި ދަތިވުމާއި، އެކްސް ޕްލަސް ވައި، އެކްސްސްކޮއާރޑް ފަދަ އީކުއޭޝަންތަކާ، ބެހޭ ގޮތުން ވިސްނުމުގައި ދަތިވުމަކީވެސް މި ހާލަތުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިކަމުގެ ސަބަބުން ކުދިންނަށް ކުރެހުމާއި، ޝޭޕްތައް ދެނެގަތުމުގައި ދަތިތަކާ ކުރިމަތިވެއެވެ.
ޑިސްކަލްކިއުލިއާ ހުންނަ ކުދިންގެ ކިބައިގައި ހިސާބާމެދު ބިރުވެރިކަމާއި ކަންބޮޑުވުން އުފެދެއެވެ. މިކަމުގެ ސަބަބުން ހިސާބު މާއްދާގައި ރަނގަޅު ނަތީޖާ ހޯދުމަށް އިތުރު ހުރަސްތަކާ ކުރިމަތިވެއެވެ.
ޑިސްކަލްކިއުލިއާގެ ސަބަބުތައް: މި ހާލަތަށް ވަކި ސަބަބެއް ކަނޑައެޅިގެން އެނގިފައި ނެތް ނަމަވެސް، ޖެނެޓިކް ގުޅުމެއް ހުރެދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މިއީ ސިކުނޑީގެ ތަރައްޤީއާ ގުޅުން ހުރި ކަމެއް ކަމަށްވެސް ޤަބޫލުކުރެވެއެވެ.
ހަމައެކަނި ކުޑަކުދިންނެއް ނޫނެވެ. ބޮޑެތި މީހުންގެތެރޭގައިވެސް ޑިސްކެލްކިއުލިއާ ހުރެއެވެ. ކުޑައިރު ފާހަގަނުވެ ހުރުމުން އެކަން ނޭނގުން އެކަށިީގެންވެއެވެ. ހަމައެހެންމެ އެއީ ގަސްދުގައި ފަރުވާކުޑަކުރަނީކޮށް ކުށްހީގައި އުޅޭތީ ފާހަގަނުކުރެވުން އެކަށީގެންވެއެވެ.

ހިސާބު މާއްދާއާ ގުޅުން ހުރި ބައިތައް ވިސްނައިގަތުމާއި ދަސްވުމަށް ދަތިވެ އުނދަގޫވުން؛ޑިސްކެލްކިއުލިއާ/ ފޮޓޯ: ޓީޗްވަން
ބޮޑެތި މީހުންގެ ގައިގައި ޑިސްކަލްކިއުލިއާ ޖެހުމުން ގިނަ ފަހަރަށް ތިރީގައިވާ އެއް ނުވަތަ އެއަށްވުރެ ގިނަ މައްސަލަތައް ހިމެނެއެވެ.
- އަދަދާއި ގުޅުންހުރި ހުރިހާ ބާވަތެއްގެ ހަރަކާތްތަކުގައި އުނދަގޫވުން
- ފޯނު ނަންބަރުތަކާއި، ލޮގިންތަކާއި، ޕާސްވޯޑުތަކާއި ތާރީޚުތައް ކޮޕީކޮށް ހިތުދަސްކުރުމުގައި ގޯސްތައް ހެދުން
- އާންމުކޮށް ފައިނޭންސް ބެލެހެއްޓުން: ބޭންކް އެކައުންޓެއް، ޗެކްފޮތެއް، ކްރެޑިޓް ކާޑުން ފައިސާ ދެއްކުން ބެލެހެއްޓުމާއި އަހަރީ ޕަސެންޓް ރޭޓް (އޭޕީއާރު) ދެނެގަތުން އުނދަގޫވުން
- މިސްރާބުތައް ދެނެގަނެ، މެޕްތަކާއި ގްރާފް ބޭނުންކުރުމާއި، ދުރުމިނާއި ދުވެލި ހިސާބުކުރުން އުނދަގޫވުން
- ވަގުތާއި، ގެއްލިފައިވާ އެޕޮއިންޓްމަންޓްތަކާއި، ސުންގަޑިތައް ބެލެހެއްޓުމުގައި ދަތިތައް ދިމާވުން

ހިސާބު މާއްދާއާ ގުޅުން ހުރި ބައިތައް ވިސްނައިގަތުމާއި ދަސްވުމަށް ދަތިވެ އުނދަގޫވުން؛ޑިސްކެލްކިއުލިއާ/ ފޮޓޯ: ޓީޗްވަން
އެހީތެރިވެދިނުމާއި ފަރުވާ: ޑިސްކަލްކިއުލިއާއަކީ ދާއިމީ ހާލަތެއް ނަމަވެސް، އަދި މުޅިން ރަނގަޅުނުކުރެވުނު ކަމަށްވިޔަސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުން ކުދިންނަށް ކުރިއަށް ދެވިދާނެއެވެ. މީގެ ތެރޭގައި:
- ވަކި ކުއްޖަކަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ޚާއްޞަ ތަޢުލީމީ ޕްރޮގްރާމްތައް
- ކަލްކިއުލޭޓަރު ފަދަ އެހީ ވަސީލަތްތައް ބޭނުންކުރުން
- ހިސާބާމެދު އުފެދޭ ބިރުވެރިކަން ކުޑަކުރުމަށް އެހީވެދޭ ނަފްސާނީ އިރުޝާދު
- އެހެން ކުދިންގެ އެހީތެރިކަމާއެކު މަސައްކަތްކުރުން
ޑިސްކަލްކިއުލިއާއަކީ ހިސާބު ދަސްކުރުމުގައި ދިމާވާ ވަކި ޚާއްޞަ ދަތިކަމެކެވެ. މިކަން ދެނެގަނެ، އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މައިންބަފައިންނާއި، މުދައްރިސުން މިކަމަށް ސަމާލުކަން ދީ، ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުދިންގެ މުސްތަޤުބަލަށް ވަރަށް މުހިންމު ކަމެކެވެ.

