ފަސް މިލިއަން ގަސް ޕްރޮޖެކްޓްގެ ދަށުން އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެ ފަރާތުގެ މެދުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ފަސް މިލިއަން ގަސް ޕްރޮޖެކްޓްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެ ފެހިކޮށް، ކާބަންޑައިއޮކްސައިޑް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް މަގުފަހިކުރުމެވެ.
އެމްޕީއެލްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، “ކުރިއަށް އޮތް ތަނުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ އެއްބަސްވެފައި” ކަމަށާއި، މި ހަރަކާތްތަކުގެ ތާވަލާއި އިތުރު ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި އާންމުކުރާނެއެވެ.
ފަސް މިލިއަން ގަސް ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ

