ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދުމަޑުލު ވަޙީދަކީ ބަހުގެ އެކި ދާއިރާތަކަށް ޚިދުމަތްކުރެއްވި އުފެއްދުންތެރި އަދީބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް، ތަރުޖަމާކުރުންތެރިއެއްގެ އިތުރުން ދިވެހިބަހުގެ އަދީބެއް ކަމަށެވެ. އަދި “އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއް” ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މަޑުލު ވަޙީދުގެ 50 އަހަރަށްވުރެ ދިގު ޚިދުމަތުގެ ތެރޭގައި ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވައި، ދިވެހި ޤައުމަށް އެކި ދާއިރާތަކުން ޚިދުމަތް ކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެކަމަށްވެސް ވިދާޅުވިއެވެ.
މަޑުލު ވަޙީދުގެ އަގުހުރި ޚިދުމަތްތައް
މަޑުލު މުޙައްމަދު ވަޙީދަކީ އަދަބީ ތަފާތު ލިޔުއްވުންތަކާއި، ޢަރަބިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހުގެ ހަމަތަކަށް ފެތޭ ގޮތަށް ތަރުޖަމާކުރެއްވި ބޭފުޅެކެވެ. އަދި ބަހުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވައި، ގިނަ ބަޔަކަށް ދިވެހިބަހުގެ މުދައްރިސެއްގެ ގޮތުގައިވެސް ޚިދުމަތްކުރެއްވިއެވެ.
ވަޙީދުގެ އަގުހުރި ޚިދުމަތްތަކަށް ދިވެހި ސަރުކާރުން ވަނީ އެކި ދުވަސްވަރު އެކި އިނާމުތައް ދެއްވާފައެވެ. މިގޮތުން 1985 ވަނަ އަހަރު ލިޔުންތެރިކަމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމާއި، 1997 ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ރޮނގުން އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެއެވެ. އަދި 2019 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.

