މަޖިލިސް މެންބަރުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭނެ ކުންފުންޏެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ހެލްތު އިންޝުއަރެންސް ރާއްޖެއާއި ރާއްޖެއިން ބޭރުން ފޯރުކޮށްދިނުމަކީ މެމްބަރުންގެ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ކަަމަކަށްވީއިރު، ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، ކުރިން މެންބަރުކަންކޮށްފައިވާ މީހުންނާއި މިހާރުގެ މެންބަރުންނާއި އެ މެންބަރުންގެ ބެލުމުގެ ދަށުގައި ހިމެނޭ ފަރާތްތަކަށް ހެލްތު އިންޝުއަރެންސް ފޯރުކޮށް ދޭން ޝައުގުވެރިވާ ކުންފުނިތަކުން ބީލަމަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި 60،500ރ. ބީލަމަށް ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީ ހުށަހެޅުމުގެ މުއްދަތަކީ ބިޑަށް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ވެއެވެ.
ރަޖިސްޓްރީ ކުރާ ކުންފުނީގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭހެން ރަޖިސްޓްރޭޝަން ފީ ދެއްކިކަމުގެ ރަސީދުގެ ކޮޕީއެއް ibrahim.mimshal@finance.gov.mv އަށް ފޮނުއްވުމަށް ވެސް އިއުލާނުގައި ވެއެވެ.

