މިދިޔަ ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކެއުން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ގަވާއިދާ ޚިލާފަށް ހަވާލުކުރި މައްސަލައެއް މިއަދު ބޭއްވުނު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފެންމަތިވެއްޖެއެވެ.
މި މައްސަލަ ހާމަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އޭނާ ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ދެއްވި ހުއްދައިގެ ދަށުން، ފުލުހުންގެ އޮފިސަރަކު ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް އެގްރިމެންޓެއް ހައްދަވާފައެވެ.
"2018 ވަނަ އަހަރު ހަވާލުކުރީމާ 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމުގެ ކުޑަދުވަސްކޮޅެއް ކުރިން މީގެ މުއްދަތް މި ހަމަވަނީ 5 އަހަރު ދުވަހަށް ސޮއިކުރީމަ، އެހެންމަ ޖެހިގެން އަންނަ ވެރިކަމުގައި މި އެހެން ބަޔަކަށް މި ހިނގައިދާނެތީ މިކަން މިގޮތަށް ކޮށްފައި އޮތް ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ،" ނާޒިމް ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުންގެ ކެއުމަށް މިއަހަރުގެ ބަޖެޓުގައި 455 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އެއީ ދުވާލަކަށް 1.2 މިލިއަން ރުފިޔާއެވެ. ނާޒިމް ވިދާޅުވި ގޮތުގައި މިފަދަ ބޮޑު އަދަދެއް ކޮއްތަށް ހޭދަކުރަން ޖެހެނީ މި އެއްބަސްވުން މިގޮތަށް ހަދާފައި އޮތުމުގެ ސަބަބުންނެވެ.
އިތުރުން، މި އެއްބަސްވުމުން ނުކުތުމަށް ބޮޑު އަދަދެއްގެ ބަދަލު ދޭންޖެހޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި މައްސަލައިގައި އެގްރިމެންޓުގައި ސޮއިކުރި މުވައްޒަފާއި އެކަން ހިނގާދިޔަ ގޮތް ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

