ފުލުހުން، ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށް ނެގި ކާރެއް ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. ކާރު ޕާކުކޮށްފައި އޮތީ ހުޅުމާލެ ފިތުރޯނު މަގުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ، ރޭ 23:50 އެހައިކަންހާއިރު ޕާކުކޮށްފައި އޮތް ކާރަށް އޭގެ ވެރިފަރާތުން 01:15 އެހައިކަންހާއިރު އަރަން ދިޔައިރު، ކާރު އޮތް ތަނުން ގެއްލިފައިވާ ކަމަށެވެ. ކާރު ގެއްލުނުއިރު އޭގެ ތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައި އޮތް ކަމަށް ވެރިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކާރު އޮތް ސަރަހައްދު ދެނެގަނެ، ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު ކާރުގައި އެއްވެސް މީހަކު ނެތްކަން ފާހަގަކުރެވުނެވެ.
ފުލުހުން ބުނީ، ކާރު ފެނުމާއެކު އޭގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރިއިރު ކާރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވިނަމަވެސް، ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ގެއްލިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

