ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައި، ދިވެހިބަހުން ވާހަކަ ދެއްކުމަކީ އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި އެންމެންވެސް ޤަބޫލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ ދިވެހިބަސްކަމަށް ފާހަގަކުރައްވައި، ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަކުރުތަކެއް ލިބިފައި އޮތުމަކީ ބޮޑު ނިޢުމަތެއްކަމުގައި ވިދާޅުވިއެވެ.
“ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިބަހަށް ޚިދުމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމުގައި ރައީސް މުޢިއްޒު ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ފޯރުކޮށްދިނުމަށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ. އަދި ޒަމާނާ އެއްގޮތަށް ދިވެހިބަސް ކުރިއެރުވުމަށާއި، ދިވެހިބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސްކަމަށް ފާހަގަކުރައްވައި، ޒަމާނާ އެއްވަރަށް ފައިހަމަކުރަމުން ދިވެހިބަސް ކުރިއަރަމުން ދިއުމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.

