ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މާދަމާއިން ފެށިގެން ދ. އުއްދޫ މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި ހުޅުވާލާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ވަނީ އިޢުލާންކޮށްފައެވެ.
މިނިސްޓްރީން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އުއްދޫއަށް ދަތުރުކުރުމުގެ ހުއްދަ ދެވިފައިވަނީ ހުކުރު، ހޮނިހިރު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ. އަދި ދަތުރުކުރާ ފަރާތްތަކުން އެ ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، ދަތުރުކުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. އަދި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ބޭނުންވާ ފަރާތްތަކުން 9108899 ނުވަތަ 7777848 ނަންބަރާ ގުޅުމަށް އަންގާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދ. އުއްދޫ ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް މުޢިއްޒު މިދިޔަ ފެބްރުއަރީ މަހު ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، އެ އަތޮޅު މީދޫގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްވި ވަޢުދުފުޅެއްގެ ދަށުންނެވެ.

