ކޯވިޑްގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމަށް ސަރުކާރުން ހަވާލުކުރި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސްއެއް ނެރެދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި މާލިއްޔަތު ކޮމިޓީގެ މެމްބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ގުޅިގެން 75 ވެންޓިލޭޓަރު ގަތުމަށް 34 މިލިއަން ރުފިޔާ ދައުލަތުން ދީފައިވާއިރު، އެ ކުންފުނިން ފޯރުކޮށްދީފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. މި މައްސަލައިގައި އާބިޓްރޭޝަންގެ ތެރެއިން ހައްލެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެކަން ވަނީ ކާމިޔާބުވެފައި ނުވާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
“ރެޑް ނޯޓިސް ނެރޭ ހިސާބުން އޯނަރު ފެންނާނެ. އެ މީހާ އަތުވީމަ ފައިސާއަށް ހެދި ގޮތަކާއި ބަޔަކަށް ދިނިއްޔާ އެ ޓްރޭސްވެސް ކުރެވޭނީ. އެ މަގުން އެ ކަން ކުރުމަށް އަޅުގަނޑުމެން ވާނީ ދަންނަވާފައި،” ނާޒިމް ވިދާޅުވިއެވެ.
މި މައްސަލައިގައި ބައެއް އިދާރީ މުވައްޒަފުންނަށް ފިޔަވަޅު އެޅިފައިވީ ނަމަވެސް، މަސައްކަތުގައި އިސްކޮށް އުޅުނު އެއްވެސް އޮފިޝަލަކާ މެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ. އަދި ބައެއް ފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލުމަށް ފުލުހުން ހުށަހެޅި ނަމަވެސް، އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލަތައް އަނބުރާ ފޮނުވާލާފައެވެ.
ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެސެޓް ރިކަވަރީ ޤާނޫނު ވީ އެންމެ އަވަހަކަށް ފާސްކޮށް ތަންފީޒުކުރުމުގެ މުހިންމުކަން ނާޒިމް ފާހަގަކުރެއްވިއެވެ. ވެންޓިލޭޓަރުތަކުގެ މައްސަލައިގެ އިތުރުންވެސް ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދައުލަތުގެ އެތައް މިލިޔަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލަތައް ނިމިދިޔަ ސަރުކާރުގައި ފެންމަތިވެފައިވާކަން ފާހަގަކުރެވެއެވެ.

