ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ފަހަކަށް އައިސް ހިނގި ހިތާމަވެރި ހާދިސާތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ މުހިންމު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.
އެޗްއާރްސީއެމްއިން މިކަން ފާހަގަކޮށްފައިވަނީ ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު އަމިއްލަ ނަފްސަށް ގެއްލުން ދިނުމަށްފަހު މި މަހުގެ 10 ވަނަ ދުވަހު ނިޔާވުމާ ގުޅިގެންނެވެ. މި މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން ވަނީ ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލަށް ޒިޔާރަތްކޮށް، ކަން ހިނގާދިޔަ ގޮތް ބަލައި، ޑިއުޓީގައި ތިބި އޮފިސަރުންނާއި އާއިލާގެ ބަހެއް ހޯދާފައެވެ.
ކޮމިޝަނުގެ ތަޙުޤީޤުން ފާހަގަކުރެވުނު މައިގަނޑު ކަންތައްތައް:
ކޮމިޝަނުން ފާހަގަކުރި އެންމެ މުހިންމު އެއް ކަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގިނަ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައި ނެތުމެވެ. މިކަމާ ގުޅިގެން ކޮމިޝަނުން ވަނީ ފުލުހުންގެ އެންމެހާ މަރުކަޒުތަކުގެ އެތެރެއާއި ބޭރު ފެންނަ ގޮތަށް ސީސީޓީވީ ކެމެރާ ހަރުކުރުމަށް ހުށަހަޅާފައެވެ.
ފުލުހުންގެ ފަރާތުން މި ހުށަހެޅުމަށް ދީފައިވާ ޖަވާބުގައި، ބަޖެޓުގެ ދަތިކަން ހުރި ނަމަވެސް މަރުހަލާތަކަކަށް ބަހާލައިގެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.
“ދައުލަތުގެ ބެލުމުގެ ދަށުން މީހުން ބަންދުކުރެވޭ މަރުކަޒުތަކުގައި ފަހަކަށް އައިސް އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ ހާދިސާތައް އިތުރުވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ،” އެޗްއާރްސީއެމްއިން ބުންޏެވެ.
މި މައްސަލަތައް ހައްލުކުރުމަށް އެޗްއާރްސީއެމްއިން ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް އިތުރު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރެވެންދެން، ބަންދުގައި ތިބޭ މީހުން ބައިތިއްބާ ގޮޅިތައް ގަވާއިދުން އަދި ގާތުން މޮނިޓަރ ކުރުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

