އއ. ރަސްދޫގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން ފިރިހެން މީހާ ވެސް ވަގުތެއްގައި ނިޔާވެއްޖެ އެވެ. އުމުރުން 31 އަހަރުގެ އަލީ ސާމިން ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައެވެ
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އަންހެން މީހާ، އެ ރަށު އަންބަރީގެ އައިޝަތު ރިފްޤާ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޔާވެފައެވެ. ރިފްޤާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް، އޭނާގެ ހަށިގަނޑުގެ 83 ޕަސެންޓް ފިހިފައިވަނިކޮށެވެ.
އަލިފާނުގެ މި ހާދިސާގައި ބޮޑަށް ފިހުނު ދެވަނަ މީހާ، އަލީ ސާމިން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ ރިފްޤާ ނިޔާވުމަށްފަހުގައެވެ. ނަމަވެސް އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާ ހިނގި ސަބަބު އަދިވެސް ސާފުވެފައެއް ނުވެއެވެ. އަދި ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަމަކީ، ދެ މީހުންގެ ހަށިގަނޑު އެހާ ބޮޑަށް ފިހިފައިވީ ނަމަވެސް، އެވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވާކަމެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

