އިސްރާއީލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ވަގުތުން ތަސްދީގު ކުރައްވައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލް ފާސްކުރުމަށް 83 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ބިލް ފާސްކުރެވުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ، އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ފަލަސްޠީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާގޮތުގެ މަތިން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ގޮވާލައްވާފައެވެ.

