މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ދަތުރުފުޅަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތެއްގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ. “މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމާއި، ޢާންމު ރައްޔިތުންނަށް ދީނީ ދަރުސް ދެއްވުމުގެ އިތުރުން އެކި މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުން ހިމެނޭ” ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް ވަޑައިގަންނަވަނީ 40 އަހަރުގެ ދިގު މުއްދަތަކަށް ފަހުގައެވެ. އެންމެ ފަހުން ޙަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.
ޑރ. ޞަލާޙުލްބުދައިރަކީ އިސްލާމީ ދުނިޔޭގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ، ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ އިލްމުވެރި ބޭފުޅެކެވެ. އަދި މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ ބޭފުޅެކެވެ.
މި ޒިޔާރަތުގެ އިންތިޒާމުތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ދެއްވި އެއްބާރުލެއްވުމަށް ވަޒީރު ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މި ދަތުރުފުޅު ހަމަޖެހިގެން ދިޔުމުގައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

