ވަޤުފް ޢިމާރާތްތަކުގެ މަޝްރޫޢުތަކަށް ބީއެމްއެލް އިސްލާމިކުން 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯނެއް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދު ކަމަށްވާ ވަޤުފް ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ދާރުލްއީމާން ބިލްޑިންގ އަކީ އިސްލާމީ ވަޤުފް ފަންޑުގެ އެސެޓެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައި، އެތަނުން ލިބޭ ނަފާ މިސްކިތްތަކަށް ޚާއްޞަކުރެވޭނެއެވެ. އަދި އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްޤަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރުވުމަށް އެހީވާ ވަޤުފް ފަންޑަށް ކަނޑައެޅިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ފަންޑުގައި 15 މިލިއަން ރުފިޔާގެ ކޭޝް ވަޤްފު އުފެއްދުމަށާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ "ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ފަންޑު" އާއި ޒަކާތު ހައުސްގެ "ޒަކާތު ފަންޑު" ގުޅިގެން "ދާރުއްސަލާމް" އާއި "ދާރުލް އަރްޤަމް" ތަރައްޤީކުރުމަށް ވެސް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި ވަޤުފް ފަންޑުގެ އިންވެސްޓްމަންޓުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މި މަޝްރޫޢުތަކަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

