އިންޑިއާގެ ދޫރްދަރްޝަން ނޭޝަނަލްގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގައި ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑުން ހުށަހެޅި ޕަފޯމަންސްއަށް ވަނީ ފާހަގަކޮށްލެވޭ ތަރުހީބެއް ލިބިފައެވެ. މި ޝޯވްގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވި އިންޑިއާގެ މަޝްހޫރު މިޔުޒިކް ޑިރެކްޓަރު އަނޫ މާލިކް ވަނީ މި ހުށަހެޅުމަކީ އޭނާގެ މިއުޒިކީ ހަޔާތުގައި ފެނުނު އެންމެ މޮޅު އަދި ތަފާތު އެއް ހުށަހެޅުން ކަމުގައި ސިފަކޮށްފައެވެ.
ޓޫ އޮފް އަސް ބޭންޑުން މި ޝޯވްގައި ހުށަހެޅީ ދިވެހި އަމިއްލަ ރާގުގެ ދެ ލަވައެވެ. އެއީ މަރުހޫމް މުހައްމަދު މާޖިދު (މެޒޯ މުޙައްމަދު)ގެ "މޮޅު އޮޑި" އާއި މޭނާ ހައްސާނުގެ "މިލަމިލަ ހަނދުވަރު" އެވެ. މި ދެ ލަވަ ހުށަހެޅުމުން ޖަޖުންނާއި އޯޑިއެންސްގެ ހިތްތައް ވަނީ ހޯދާފައެވެ.

އަނޫ މާލިކް ބުނި ގޮތުގައި، "މި ހުށަހެޅުމަކީ އަހަރެންގެ މިއުޒިކީ ހަޔާތުގައި ފެނުނު އެންމެ މޮޅު އަދި ވަރަށް ތަފާތު ހުށަހެޅުން" އެވެ. ޚާއްޞަކޮށް ބޭންޑުގެ ލީޑް އަދުހަމްގެ ހުނަރުވެރިކަން އޭނާ ވަނީ ފާހަކޮށްފައެވެ.
މި މުބާރާތަކީ މީގެ ކުރިން އިންޑިއާގެ ބޭންޑުތަކަށް އެކަނި ޚާއްޞަކޮށްގެން ބޭއްވި މުބާރާތެއް ނަމަވެސް، މިއަހަރު ވަނީ ބައިނަލްއަޤްވާމީ ފެންވަރަށް ފުޅާކޮށްފައެވެ. ޓޫ އޮފް އަސް ބޭންޑުގެ މެންބަރުންގެ ގޮތުގައި އަދުހަމްގެ އިތުރުން ޢަބްދުالله ޝަމްރޫޚް، މުޙައްމަދު ނަސޫހު ބިން ނަސްރުއްދީން، އަޙްމަދު ޝަހީދު އަދި އަޙްމަދު ޖަޝީމް ހިމެނެއެވެ.
ބޭންޑުގެ ލީޑް އަދުހަމް ބުނި ގޮތުގައި، ފައިނަލަށް ދާ 5 ބޭންޑުގެ ތެރޭގައި ހިމެނުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުންދެއެވެ. އަދި ރާއްޖޭގެ ޒުވާން ހުނަރުވެރިންނަށް އަމާޒުކޮށް، ސޯޝަލް މީޑިއާގެ ބޭނުން ހިފައިގެން އަމިއްލަ ހުނަރު ދެއްކުމަށް ވެސް ބުންޏެވެ.

