ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯއިން މިއަދު ދެއްވި މައުލޫމާތުގައިވާ ގޮތުން، ހިޔާ ޓަވަރު H13 ،H14 ،H15 އަދި H16 އިން ހެނދުނު 10:00 އިން 11:00 އަށް ކަރަންޓު ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމްޕީއެލް ޓަވަރުތަކުން މެންދުރު 13:30 އިން 15:00 އަށް ކަރަންޓު ކަނޑާލެވޭނެއެވެ.
މީގެއިތުރުން، H4 ޓަވަރުގައި ވެސް ހެނދުނު 9:00 އިން ހަވީރު 17:00 އާ ދެމެދު މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާނެ އެވެ. މި މަސައްކަތުގެ ތެރޭގައި އެ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ވަނީ އަންގަވާފައެވެ.
ސްޓެލްކޯއިން ވިދާޅުވެފައިވާ ގޮތުގައި، މި މަސައްކަތްތަކަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. އަދި މަސައްކަތް ނިމުމާއެކު ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ އަންގަވާފައެވެ.
މި މަސައްކަތްތަކާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށް ސްޓެލްކޯ އިން ވިދާޅުވެފައިވާއިރު، މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ވަނީ ފާހަގަ ކުރައްވާފައެވެ.

