ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ ޑިޒައިން އެންޑް ބިލްޑް މަސައްކަތުގެ 31 އިންސައްތަ މިހާރު ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މިހާތަނަށް އާ ހާބަރު ބޭސިންގެ ޑްރެޖިން އޮޕަރޭޝަންތަކާއި، ކުއޭ ވޯލް އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިވަގުތު ބަނދަރު ޕޭވްމަންޓް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ ޖުލައި 13 ވަނަ ދުވަހުއެވެ.
45.11 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 22،323 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 6،806 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން 1،985 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 366 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި މި މަސައްކަތުގެ ތެރެއިން 31،087 ސީބީއެމް، 290 މީޓަރު ބްރޭކްވޯޓާ، އަދި 76 މީޓަރުގެ ޗެނަލް ބްރޭކްވޯޓައެއް ޤާއިމުކުރެވޭނެއެވެ. މި މަޝްރޫޢު ދިވެހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 31 ވަނަ ދުވަހުއެވެ.
1400 މީހުންގެ އާބާދީއެއް އޮތް ނޭކުރެންދުއަށް މުދާ އުފުލާ ބޯޓުފަހަރާއި ފެރީ ސަރވިސްގެ އުޅަނދުފަހަރު ދަތުރުކުރާތީ، ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

