މާލެ، ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ހަލިމަގުގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 6 އަހަރުގެ އަންހެން ކުއްޖަކާއި ސައިކަލު ދުއްވި ފަރާތަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 17:53 ގައި ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓްގައި އަނިޔާވި ދެ ފަރާތަށްވެސް މިވަގުތު ދަނީ ފަރުވާ ދެމުންނެވެ. ކުޑަކުއްޖާއަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށާއި، ސައިކަލު ދުއްވި ފަރާތަށް ފަރުވާ ދެމުންދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެ ދެ ފަރާތަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ވަނީ ހާމަކޮށްފައއް ނުވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
ހަލިމަގަކީ އާންމުކޮށް އެކްސިޑެންޓްތައް ހިނގާ މަގެއްގެ ގޮތުގައި ފާހަގަކުރެވޭ މަގެކެވެ. އަދި މި މަގުގައި ދުއްވާއިރު ސަމާލުވުމަށް ފުލުހުން އާންމުންނަށް އިލްތިމާސް ކުރެއެވެ.

