ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް މަނާ ކުރުމަށް ސަރުކާރުން އިއްޔެ ނިންމި ހިތްވަރުގަދަ ނިންމުމަށް ޣައްޒާގެ ހަމާސްއިން ވަނީ ތާއީދުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވައިފިއެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރައްވައި، މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވާފައެވެ. މި ބިލުގެ ދަށުން ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރެވޭނެއެވެ. އަދި އެހެން ޤައުމެއްގެ ޑުއަލް ސިޓިޒަނެއް ނަމަވެސް، އެއީ އިސްރާއީލުގެ މީހެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭނަމަ، އެ ފަރާތެއް ރާއްޖެ ނުވެއްދޭނެއެވެ.
މި ނިންމެވުމާ ގުޅިގެން ހަމާސްއިން ބުނެފައިވަނީ، “އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރާއްޖެއިން ނިންމި ނިންމުމަށް ހަމާސްއިން ތާއީދުކުރާ،” ކަމަށެވެ. އަދި އެހެން ޤައުމުތަކުން ވެސް ރާއްޖެ ނަމޫނާއަކަށް ނެގުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.
ރައީސް މުއިއްޒުގެ މި ނިންމެވުމާ ގުޅިގެން، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ނޫސްތަކުގައި ރާއްޖޭގައި އިސްރާއީލް ޕާސްޕޯޓް މަނާކުރި ޚަބަރު ވަނީ ޝާއިޢުކޮށްފައެވެ. މި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މި ގަތުލުއާންމު މިހާތަނަށްވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.

