ކ. މާފުށީގައި ވައްކަމުގެ ތުހުމަތުގައި ހުރި މީހެއްގެ ގަޔަށް އާންމުންގެ ބަޔަކު ކުލަ ފާޓާއެއް އަޅާލި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
ސޯޝަލް މީޑިއާގައި ފެތުރުނު ވީޑިއޯއެއްގައި ފެންނަނީ އެ މީހާ މަގުމައްޗަށް ނެރެ، އޭނާ ލައްވާ އަމިއްލަ ގައިގައި ކުލަ ހާކުވަމުންދާ މަންޒަރެވެ. އަދި އެ މަންޒަރުގައި އޭނާ އަމިއްލައަށް ގައިގައި ކުލަ ހާކަމުން ދަނިކޮށް، މީހަކު ގޮސް ކުލަ ފާޓާއެއް އޭނާގެ ބޮލަށް އަޅާލި މަންޒަރު ވެސް ފެނެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން އެ މީހާ ވަނީ މާލެ ގެނެސް، އައިޖީއެމްއެޗުން ފަރުވާ ދޭން ޖެހިފައެވެ. ވީޑިއޯގައި ފެންނަ ގޮތުގައި އޭނާގެ ލޯ ހިރުވާތީ މޫނުގައި އަތްހާކާ މަންޒަރު ވެސް ފެނެއެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ މިފަދަ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަނީ “އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށާއި އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ވެސް ނުހިންގުމަށް” ގޮވާލާފައެވެ. އަދި މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ދިއުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް، މައްސަލައިގެ ތަހުގީގު މިހާރުދަނީ ކުރިއަށެވެ.

