ދ. ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެ މަޝްރޫޢުގެ މަސައްކަތާ ހަވާލުވެފައިވާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ބުނެފިއެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ކުންފުނިން ވަނީ މީޑިއާތަކާ ހިއްސާކޮށްފައެވެ.
އާރްޑީސީގެ މަޢުލޫމާތުގައި، ރަށުގެ ދޮށިމޭނާ މަގުގައި ސްޓޯމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އުސްގަނޑު މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ސަރުކާރުން އާރްޑީސީއާ ހަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގެ 5.85 ކިލޯމީޓަރުގެ މަގުތަކެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
122 މިލިއަން ރުފިޔާގެ މި މަޝްރޫޢު 450 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކުރީގެ ސަރުކާރުގެ ދައުރު ނިމުނުއިރު މަޝްރޫޢުގެ މަސައްކަތް މާބޮޑު ކުރިއެރުމެއް ހާސިލުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
މި މަޝްރޫޢު ނިމުމުން ކުޑަހުވަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމުވެގެންދާނެއެވެ.

