މ. މުލަކުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެ މަޝްރޫޢުގެ މަސައްކަތްތަކާ ހަވާލުވެފައިވާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ ދަށުން ނޫރާނީ ހިނގުމާއި އަމީނީމަގުގައި ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލިކިލޭގެފާނު މަގުގައި މަގު ކޮނުމާއި ބެކްފިލިންގގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މުޅި މަޝްރޫޢު ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތްތައް އެކުންފުނިން ދަނީ ކުރަމުންނެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ޖުމްލަ 6.077 ކިލޯމީޓަރުގެ ދިގުމިނުގައި 6 މަގެއް ތަރައްޤީ ކުރެވިގެންދާނެއެވެ. މީގެ ތެރޭގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމާއި، ޕޭވްމަންޓް ހެދުމާއި، މަގުތަކުގައި ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހެދުން ހިމެނެއެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން މަގުބައްތި ހަރުކުރުމާއި، މަގުބައްތިތަކަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް އާރްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

