އިމާރާތްކުރުމާއި ބިނާވެށި ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ހަވާލުކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދިޔަ ށ. މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ފުރިހަމަކޮށް ނިންމާލާފައެވެ.
އާރުޑީސީން މިއަދު ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 6.3 ކިލޯމީޓަރުގެ ދިގުމިނުގައި މަގުތައް ތަރައްގީކޮށްފައިވެއެވެ. މީގެ ތެރޭގައި ނުވަ މަގަކާއި ދެ ގޯޅި ހިމެނެއެވެ. މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 156,477,632.23 ރުފިޔާ ޚަރަދުކޮށްފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"މި މަޝްރޫޢުގެ ދަށުން ތަރައްގީ ކުރެވުނު މަގުތަކަކީ ވަރަށް ފެންވަރު ރަނގަޅު އަދި ހިތްގައިމުކޮށް ފަރުމާކޮށްގެން ތަރައްގީކޮށްފައިވާ ހިތްފަސޭހަ މަގުތަކެއް،" ކަމަށް އާރުޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫޢުގެ މަސައްކަތުގައި މިލަންދޫގެ 50 އަށްވުރެ ގިނަ މުވައްޒަފުން އާރުޑީސީގެ ދަށުން ވަނީ މަސައްކަތްކޮށްފައެވެ. އެ މުވައްޒަފުންގެ މިންނެތް މަސައްކަތް ފާހަގަކޮށް، އާރުޑީސީން ވަނީ އެ މުވައްޒަފުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
މި މަޝްރޫޢު ނިމުމާއެކު، މިލަންދޫގެ މަގުތަކުގެ ވަޞީލަތްތައް ރަނގަޅުވެ، ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ރަށުގެ މަގުތަކުގެ ފެންވަރު މަތިވެ، ރަށުގެ ޢުމްރާނީ ތަރައްގީއަށް ވެސް މި މަޝްރޫޢުން އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

