މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން “ގްރީން އެއާޕޯޓް” އިނީޝިއޭޓިވްގެ ދަށުން ކުންފުނީގެ މުވައްޒަފުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށް ސިލްސިލާ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އެމްއޭސީއެލްގެ ސަސްޓެއިނަބިލިޓީ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ އަމާޒުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އިންޓަނޭޝަނަލް ޑޭ އޮފް ޒީރޯ ވޭސްޓްގެ މުނާސަބަތުގައި މިއަދު ބޭއްވި ފުރަތަމަ ސެޝަން އަމާޒުކުރެވިފައިވަނީ “ޕާސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް (ޕޮޕްސް) އެންޑް ހެޒަޑަރަސް ވޭސްޓް” އާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ތަޖުރިބާކާރުން ނަންގަވައިދެއްވި މި ސެޝަންގައި، ނުރައްކާތެރި ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި، އެފަދަ ކުނި މެނޭޖްކުރުމުގެ އުސޫލުތަކާ ބެހޭ މުހިންމު މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމުގައި ކުންފުނިތަކުގެ ދައުރާއި، ނުރައްކާތެރި ކުނި ނައްތާލުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާ ބެހޭ މަޢުލޫމާތުވެސް ވަނީ ފޯރުކޮށްދެއްވާފައެވެ.
އެމްއޭސީއެލްގެ “ގްރީން އެއާޕޯޓް” އިނީޝިއޭޓިވްގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި ހަކަތައާއި ތިމާވެއްޓާ ގުޅުންހުރި އިތުރު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު އަމާޒަކީ ކުންފުނީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.

