އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާރު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަން ހިމެނެއެވެ.
ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކަށް ޚާއްސަ ސަމާލުކަމެއް
މީގެއިތުރުން، ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ގުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކުގައިވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް ޓީޗަރުން ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ރަށްތަކުގެ ތެރޭގައި ރ. މަޑުއްވަރި، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، ލ. އިސްދޫ ކަލައިދޫ، ހއ. އުތީމު އަދި ދ. މީދޫ ހިމެނެއެވެ.
އަދި ފުވައްމުލައް ސިޓީގެ ގުރުއާން މަރުކަޒަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މިގޮތުން އެ މަރުކަޒު ހިންގުމަށް ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މި މަޝްރޫއުގެ ތެރެއިން ގިނަ ރަށްތަކެއްގައި ގުރުއާން ކިޔަވައިދިނުމުގެ ޚިދުމަތް ފުޅާވެގެންދާނެ ކަމަށާއި، މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރަށްތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަން ފާހަގަކުރެވެއެވެ.

