ހއ. ދިއްދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ކަމަށް އާރްޑީސީން ހާމަކޮށްފިއެވެ.
އާރްޑީސީން ހިއްސާކުރި އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން، ދިއްދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ މަގުތަކުގެ ތެރެއިން، ޣާޒީމަގުގައި މަގު ކޮނުމާއި ބެކް ފިލިންގގެ މަސައްކަތް އަދި އުންމީދީ ހިނގުމުގައި ކާރބް ސްޓޯން ޗެމްފަރ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
108.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީން ފުރަތަމަ ފެށީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މަޝްރޫޢުގެ މަސައްކަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ.
އެހެންނަމަވެސް، ރާއްޖޭގެ ރަށްތަކުގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އެކުލަވާލި އައު ސިޔާސަތުގެ ދަށުން، މިދިޔަ އަހަރުގެ ކުރީކޮޅު މަސައްކަތް ވަނީ އަލުން ފަށާފައެވެ.
މި މަޝްރޫޢުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމްވެގެންދާނެއެވެ.

