ދުންފަތް މަނާކުރުމުގެ ބިލަށް ނޮވެމްބަރު 1 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންނާއެކު ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް އެއްކޮށް މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ފާސްކޮށް، ނޮވެމްބަރު މަހުންފެށިގެން ޢަމަލުކުރަން ފަށްޓަވާނެކަމަށެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމުން ޒުވާނުންނާއި އަދުގެ ކުޑަކުދިން ދުރުކުރެވުމުން، ކުރިއަށް އޮތްތަނުގައި ޤައުމަށް ޚިދުމަތްކުރާ ހަރުދަނާ ޖީލެއް ބިނާކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރާ އިސްލާޙުތައް ގެނައުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާއިރު، މިމަހު ބިލު ފާސްވެއްޖެނަމަ، އެ ޤާނޫނަށް ޢަމަލުކުރަން 6 މަސްދުވަހުގެ މުއްދަތެއް ލިބޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ ދުންފަތުގެ އިސްތިމާލު ކުރުމުން ލިބޭ ގެއްލުންތައް ހިއްސާ ކުރަށްވާފައެވެ. އެ ގޮތުން ދުންފަތުގެ އިސްތިމާލު ކުރުމުން ގިނަގުނަ ބަލިތައްޖެހި މަރުވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން މަރުވާ މީހުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

