ސާފްޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ދިވެހިންނަށް ނިމިއްޖެއެވެ. ލީގު އުސޫލުން ކުޅެވުނު މުބާރާތުގެ ފަހުމެޗުގައި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ވާދަވެރި އިންޑިޔާއާއި ވާދަކޮށް ހިތްދަތި ގޮތަކަށް 3-1 ބަލިވެ، ދިވެހިޓީމް މުބާރާތް ނިންމާލަންޖެހުނުއިރު، މުބާރާތުގައި ދިވެހިޓީމުގެ ފާރާތުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ތަޖުރިބާކާރު ކޯޗެއް ނެތުމުގެ އުނިކަމެވެ.
ފުރަތަމަ މެޗުގައި ނޭޕާލުގެ ޒުވާން ޓީމާއި ދެކޮޅަށް، ކުރު ޕާސްތަކަކާއި އެކު ރީތި ފުޓްބޯޅައެއް ކުޅެވޭތޯ ކުޅުންތެރިން މަސައްކަތް ކުރިތަން ފެނުނު ނަމަވެސް މެޗު ނިމިގެން ދިޔައީ އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް ނޭޕާލް އަތުން 0-1 ބަލިވެގެންނެވެ. މި ނަތީއްޖާއަކީ ސާފްޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތްގެ ތާރީޚްގައި ނޭޕާލް ޓީމަށް ދިވެހި ޓީމުގެ މައްޗަށް ކުރިހޯދުނު ފުރަތަމަ ފަހަރަށެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ބަންގުލަދޭޝް އާއި ދެކޮޅަށް ދިވެހި ޓީމު ނުކުތީ ފުރަތަމަ މެޗުގައިވެސް ނުކުތް ފުރަތަމަ އެގާރައެވެ. ނަތީއްޖާއެއްގެ ގޮތުން ފުރަތަމަ 25 މިނެޓްތެރޭގައި ދިވެހި ޓީމަށް އެކަށީގެވާ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް މެޗުގެ 27 މިނެޓުގައި އައްސަދު އަލީއަށް އަނިޔާވެގެން ބަދަލުގައި އައިޝަމް ކުޅެން ނުކުތްހިސާބުން ދިވެހި ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުވިތަން ފެނިގެން ދިޔައެވެ. ނަތީއްޖާއަކަށްވީ ފޯރިގަދަ ކުޅުމަކަށްފަހު ދިވެހިޓީމު 2-0 ބަންގުލަދޭޝް މައްޗަށް ކުރިހޯދުމެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި މެޗު ފެށުނުތަނާހެން ލަންކާ ޓީމުން ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް ލައިންސްމަން ދިދަ ނަގާފައި ހުރުމުގެ ސަބަބުން ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ. ނަމަވެސް ޓީވީ ރިޕްލޭ ބަލާލުމުން ލަންކާ ކުޅުންތެރިޔާ ހުރީ އޮފްސައިޑް މަގާމެއްގައި ނޫންކަން އެގެއެވެ. އޭގެ 3 މިނެޓް ފަހުން އަޝްފާގު ކާމިޔާބުކުރި ގޯލާއި އެކު މެޗު ނިމުނީ 1-0 ދިވެހި ޓީމު މޮޅުވެގެންނެވެ. މެޗުގައި އިތުރު ގޯލެއް ފެނިގެންގޮސްފައިނުވާއިރު ދެޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. މި ގޮތުން ލަންކާގެ ގޯލަށް ދިވެހި ޓީމް ފޮނުވާލި ތިން ހަމަލާއެއް ގޯލު ދަނޑިޔަށް އަމާޒުވިއިރު، މެޗުގެ އިތުރުވަގުތުގައި ލަންކާގެ ހަމަލާއެއްވެސް ވަނީ ދިވެހި ޓީމުގެ ގޯލު ދަނޑިޔަށް އަމާޒުވެފައެވެ. ލަންކާ އާއި ދެކޮޅަށް ދިވެހި ޓީމު އެންމެ ފަހުން ކުޅުނު 03 މެޗުގައި 15 ގޯލް ޖަހާފައި ވާއިރު، މި މެޗުގައި ފެނިގެން ދިޔައީ ފާއިތުވި 10 ވަރަކަށް އަހަރު ލަންކަގެ ފުޓްބޯޅަ ހޯދާފައިވާ ކުރިއެރުމެވެ.
ލީގުބުރުގެ ފަހު މެޗުގައި ދިވެހިޓީމު އިންޑިޔާ ދެކޮޅަށް ނުކުތީ އެންމެ ކުޑަމިނުން އެއްވަރުކޮއްލައިގެން ނަމަވެސް ފައިނަލައް ދެވޭނެކަމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ދިވެހި ޓީމުގެ ފަރާތުން ފެނުނީ އަމިއްލަ ދަނޑުގައި މެޗު ފެށުނީއްސުރެ ނިމެންދެން ޕްރެޝަރުގައި ކުޅެމުންދިޔަތަނެވެ. މެޗުގެ ކުރިން ދިވެހި މީޑިޔާއިން އިންޑިޔާގެ ކުޅުމާއި މެދު ސުވާލު އުފެއްދިއެވެ. ނަމަވެސް މުޅި މެޗުގައިވެސް އިންޑިޔާ ފެނިގެންދިޔައީ މާބޮޑަށް ވެސް ތަފާތުކޮށެވެ. މިއީ 2012 އަހަރުގެ ފަހުން ދިވެހި ޓީމު އިންޑިޔާ އަތުން 2 ލަނޑުގެ ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ދިވެހިން އުންމީދު ކުރިފަދަ ކާމިޔާބެއް ނުލިބުނު ނަމަވެސް، ދިވެހި ޓީމުގެ ބައެއް ކުޅުންތެރިންގެ ފަރާތުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިގެންދިޔައެވެ. މި ގޮތުން ނިހާން،އައިޝަމް،ހައިޝަމް އަދި ޝިފާއުގެ ކުޅުމަށް އައިސްފައިވާ ކުރިއެރުން ފެނިގެން ދިޔައެވެ.
ނަމަވެސް މި މުބާރާތުގެ ނަތީއްޖާއިން ފެނިގެން ދިޔައީ މި ފެންވަރުގެ މުބާރާތަކަށް ދިވެހި ޓީމަށް ތަޖުރިބާކާރު ބިދޭސީ ކޯޗެއް މުހިންމުކަމެވެ. ދިވެހި ކޯޗުން ސީނިއަރ ޤައުމީ ޓީމަށް ކޯޗުކަން ކޮއްދޭ ތައްޔާރު ނޫން ކަމެވެ.

