ގއ. ވިލިނގިލީގައި މުޅިން އަލަށް ފައިގަތަޅާ މުބާރާތެއް ބޭއްވުމަށް އެ ރަށު މޭރީ ސްޕޯޓްސް ކުލަބުން ނިންމައިފިއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ވިލިނގިލީ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މެދުގައި ގުޅުން ވަރުގަދަ ކުރުމާއި، ކުޅިވަރަށް އޮންނަ ޝައުޤުވެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިކުރުމެވެ. މުބާރާތް ހުޅުވާލެވިފައިވަނީ ހަމައެކަނި ގއ. ވިލިނގިލީގެ ސަރުކާރު އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކަށެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިވަކިންނެވެ. މުބާރާތުގެ މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލިނގިލީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ނެޓްބޯޅަ ކޯޓުގައި، މިކަމަށް ޚާއްޞަކޮށް ތައްޔާރުކުރެވޭ ފައިގަތަޅާ ކޯޓެއްގައެވެ.

ވިލިނގިލީގައި ފުރަތަމަ ފަހަރަށް "ފައިގަތަޅާ" މުބާރާތެއް ބާއްވަނީ
މުބާރާތުގެ އިނާމުތަކުގެ ތެރޭގައި ދެ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއާއެކު ޗެމްޕިއަން ޓްރޮފީ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޑިވިޝަންގެ ރަނަރަޕް ޓީމަށް 1000 ރުފިޔާއާއެކު ރަނަރަޕް ޓްރޮފީ ދެވޭނެއެވެ. މީގެ އިތުރުން ދެ ޑިވިޝަންގައިވެސް އެ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވިގެންދާނެއެވެ.
މޭރީ ސްޕޯޓުސް ކުލަބުން އިންތިޒާމުކުރާ މިފަދަ ހުރިހާ ހަރަކާތެއްގައި ވިލިނގިލި ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް އަބަދުވެސް ލިބެމުންދާކަން އެ ކުލަބިން ފާހަގަކޮށްފައިވެއެވެ. އަދި ވިލިނގިލީ ކައުންސިލްގެ ރައީސް ހިމެނޭހެން ކައުންސިލްގެ ހުރިހާ މެންބަރުންނާއި މުވައްޒަފުންނަށް ޝުކުރު ދަންނަވަވެއެވެ.
މީގެ އިތުރުން ގއ. ވިލިނގިލީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އެތަނުގެ ވެރިންނާއި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވާފައިވެއެވެ.
މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7500600 ނުވަތަ 7952600 ނަންބަރަށް ގުޅުމަށް އިންތިޒާމު ކޮމިޓީން އެދިފައިވެއެވެ.
ފައިގަތަޅާ އަކީ ދިވެހީންގެ ތެރޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ސަޤާފީ ކުޅިވަރެކެވެ.

