ފިޝަރީޒް މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް 45 ފަރާތަކަށް ސަރުކާރުން ފުލް ސްކޮލާޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން، ޤައުމީ ޔުނިވަރސިޓީގެ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލާރސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކިޔެވުމަށް ފުލް ސްކޮލަރޝިޕްގެ ފުރުސަތު ދެއްވަމުން ގެންދަވާނެ ކަމަށާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުންވެސް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވާނޭކަމުގައެވެ.
ހަމައެއާއެކު، ރައީސް ފާހަގަކުރެއްވި ގޮތުގައި މަސްވެރިކަމުގެ ދާއިރާގެ ނަފާ ފުރިހަމަ ގޮތުގައި ނެގިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާއަށްވުރެ ތިންގުނަ އިތުރަށް ޖީޑީޕީ އަށް އެ ދާއިރާއިން ކޮންޓްރިބިއުޓް ކުރެވޭނެ ކަމަށެވެ.
ކަނޑުގެ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކޮށް، އިގްތިސާދީ ގޮތުން ފައިދާވާ ގޮތަށް ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވިގޮތުގައި މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި، ރެސްކިއު ޑައިވިންގ ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން މިހާތަނަށް ތަމްރީނުކުރެވިފައިވެއެވެ.
މަސްވެރިކަމާ ގުޅުން ހުރި އެކި ދާއިރާތަކުން ކޯސްތަކާއި، ސްކޮލާޝިޕް ފުރުސަތުތައް ހޯދައިދިނުމުގެ ކަންތަކަށް ސަރުކާރުން މަތީ ތައުލީމުގެ ތެރެއިން މަގުފަހިކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

