އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗު ކާމިޔާބުކޮށް ނިއުކާސަލްއިން ތާވަލްގެ ތިން ވަނައަށް ޖެހިލައިފިއެވެ.
ނިއުކާސަލްގެ އެސްޓީ ޖޭމްސް ޕާކުގައި ކުޅުނު މި މެޗު ނިއުކާސަލްއިން ކާމިޔާބުކޮށްފައިވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ކިއެރެން ޓްރިޕާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ ފުރަތަމަ ލަނޑު ނިއުކާސަލްއަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ރައިޓް ވިންގާ ޖޭކޮބް މާފީއެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސްއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޕެނަލްޓީ ލިބިގެން އެއް ގޮސްފައެވެ. އެހެން ނަމަވެސް މި ޕެނަލްޓީ އެބްރެޗީ އެޒޭއަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
އޭގެ ދެ މިނެޓު ފަހުން ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑުން ނިއުކާސަލުން ވަނީ ކުރިއަށް އަރާފައެވެ.
މި މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި ނިއުކާސަލްއިން އިތުރު ދެ ގޯލު ކާމިޔާބުކޮށް، ފުރަތަމަ ހާފުގެ ކުޅުން އެ ޓީމުން ނިންމާލީ ދިޔައީ 4-0 ގެ ނަތީޖާ އަކުން ކުރީގައި އޮވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި އެލިންޓަން ތަނަވަސްކޮށްދިން ފުރުސަތަކުން އެލެކްސެންޑަރ އިސާކް ކާމިޔާބުކޮށްދިން ލަނޑާއެކު ނިއުކާސަލްއިން ވަނީ އެ ޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ދެ ޓީމަށްވެސް ބޭނުންނުކުރެވި ދިޔަ ކަން ފާހަގަކޮށްލެވެއެވެ.
މި ނަތީޖާ އާއެކު ނިއުކާސަލްއިން ވަނީ މިހާތަނަށް ކުޅުނު 32 މެޗުން ހޯދި 59 ޕޮއިންޓާއެކު ތާވަލްގެ ތިންވަނަ އަށް ޖެހިލާފައެވެ.

