ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ހއ. އިހަވަންދޫ “ކާފަ މާމަ މައިޒާން” ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އާރުޑީސީން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް ކީ ވޯލް އެޅުމާއި، ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން އެ ސަރަހައްދު ސާފުކޮށް ލެވެލްކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އިހަވަންދޫގައި އާރުޑީސީން މިހާރު ކުރިއަށްގެންދަނީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުވެސް މެއެވެ. 102.85 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ 40 ޕަސެންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
އާރުޑީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ މަޝްރޫޢުތަކުގެ އިތުރުން އިޖުތިމާޢީ ޒިންމާގެ ދަށުން އެކި މަޝްރޫޢުތައް ކުރިއަށްގެންދެއެވެ. އިހަވަންދޫގެ “ކާފަ މާމަ މައިޒާން” ތަރައްޤީކުރުމުގެ މަޝްރޫޢަކީވެސް އެފަދަ މަޝްރޫޢުއެކެވެ.

