މަސްވެރިކަމާ ބެހޭ ކޮލެޖުން ބެޗެލާސް އޮފް ފިޝަރީޒް މެނޭޖްމަންޓް ކޯހަށް 45 ދަރިވަރަކަށް ފުލް ސްކޮލަރޝިޕް ދިނުމަށް ނިންމައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާއެކު” ޕޮޑްކާސްޓްގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމި، ބަޖެޓުވެސް ހަމަޖެހިފައި ކަމަށެވެ. “މީގެ އިތުރުން ވެސް ކުދި ކުދި ކޯސްތައް އެބަހުރި. އެނޫންވެސް ކުދިކުދި ކޯސްތައްވެސް އެބަ ހިންގާ،” ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމާއި ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް، މި މަސައްކަތް ފެށިފައިވަނީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވެފައިވަނީ މި ކޮލެޖު ޤާއިމްކުރުމަކީ މަސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އިތުރު ސްކޮލަރޝިޕް ފުރުސަތުތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސްކޮލަރޝިޕް ފުރުސަތުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުޤުވެރިވެ، ދާއިރާގެ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

