ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތް ދ. ކުޑަހުވަދޫގައި ފެށުމަށްޓަކައި މިއަދު އެ ރަށު ކައުންސިލާއި ވެމްކޯގެ އިސްވެރިންނާ ދެމެދު ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެއެވެ. މި ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އާއި އެ ކުންފުނީގެ އިސްވެރިންނާއި، ކުޑަހުވަދޫ ކައުންސިލްގެ ރައީސާއި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވެމްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، ކުޑަހުވަދޫގައި ވެމްކޯގެ ޚިދުމަތް ތަޢާރަފުކުރެވިގެންދާއިރު، ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މީގެއިތުރުން، އެ ރަށުގެ ކުނި އަޅާ ސަރަހައްދު ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބެލެހެއްޓުމާއެކު، ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަކަށް ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމްކުރުމަށްވެސް ވަނީ ނިންމާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުޙައްމަދު މުޢިއްޒު ދާދި ފަހުން ކުޑަހުވަދުއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގައި ވެމްކޯގެ ޚިދުމަތް ފެށޭނެކަން އިޢުލާންކުރައްވާފައިވެއެވެ. “މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ޚިދުމަތް ފެށުމަށް ސަރުކާރުން ވެމްކޯއާ ގުޅިގެން މަސައްކަތްކުރަމުންދާ” ކަމަށް ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި ހާމަކުރައްވާފައެވެ.
ކުޑަހުވަދޫގައި ވެމްކޯގެ ޚިދުމަތް ފެށިގެންދިޔުމާއެކު، އެ ރަށަކީ ދ. އަތޮޅުގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފެށޭ ފުރަތަމަ ރަށްކަމުގައި ވެގެންދާނެއެވެ. އަދި މިހާރު ވެމްކޯއިން ދަނީ ހއ. އަތޮޅުގައިވެސް ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ހއ. ދިއްދޫގެ އޮޕަރޭޝަންތައް ފެށުމަށް ވެހިކަލްތައް އެ ރަށަށް ގެންގޮސްފައިވާއިރު، ހއ. އިހަވަންދޫގެ ވެމްކޯ އޮޕަރޭޝަނަށް މުވައްޒަފުން ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.

