ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓްގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބަލަން ފަށައިފިއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް ބަލަން ފަށާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، ފްލެޓަށް ފޯމު ހުށަހެޅި ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް 4،625 ޝަކުވާ ހުށަހަޅާފައިވެއެވެ. މި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ވަގުތީ ލިސްޓްގައި ހިމެނޭ 2،555 އެޕްލިކަންޓުންގެ ޝަކުވާތަކެވެ.
ޝަކުވާ ހުށަހެޅުމަށް ފުރަތަމަ ހުޅުވާލި މުއްދަތަކީ މާރިޗު 1 އިން 30 އަށެވެ. ނަމަވެސް ރަމަޟާން މަހުގެ ފަހު 10 ދުވަހާއި އީދު ބަންދާ ގުޅިގެން މި މުއްދަތު އޭޕްރީލް 15 އަށް އިތުރުކުރިއެވެ. މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ އެޕްލިކަންޓަކަށްވެސް އެއް ޝަކުވާއަށްވުރެ ގިނަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދީފައިވެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖުމްލަ 5،236 ޝަކުވާ ލިބިފައިވެއެވެ. މީގެ ތެރޭގައި އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާއާއި، 526 ސިޓީ ހިމެނެއެވެ.
އަދި މިނިސްޓްރީން ވަނީ އީމެއިލް އަދި ސިޓީ މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން، ހަމައެކަނި ލިސްޓްގައިވާ މީހުންނާ ގުޅިގެން ތިންވަނަ ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ބަލާނެ ކަމަށް ބަޔާންކޮށްފައެވެ.

