ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ވައިގެ ދަތުރުފަތުރަކީ ކޮންމެހެން ބޭނުންވާ ސިނާއަތެއްކަމަށް މިނިސްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ޤަތަރުގެ ވެރިރަށް ދޯހާގައި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯއިން އިންތިޒާމްކޮށްގެން ބާއްވާ މިއަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓީރިއަލް ސެގްމެންޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވައިގެ ދަތުރުފަތުރަރަކީ ރާއްޖޭގެ އެކި ރަށްރަށާއި އިޤްތިޞާދު ދުނިޔެއާ ގުޅުވައިދޭ މައި ނާރު ކަމަށާއި، ކުދި ޤައުމުތަކަށް އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރުމުގައި ގިނަ ގޮންގޮންޖެހުންތަކެއް ކުރިމަތިވެގެންދާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވައިގެ ދަތުރު ފަތުރުގެ ދާއިރާ ކުރިއެރުވުމަށް ގިނަ ގުނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އެގޮތުން ބޯޑަރ ކޮންޓްރޯލް ޑިޖިޓަލައިޒް ކުރުމާއި، އެޑްވާންސް ޕެސެންޖަރ އިންފޮމޭޝަން އަދި ބަޔޯމެޓްރިކްސް ސިސްޓަމްތައް އިންޓަގްރޭޓް ކުރުމާއި، އޭވިއޭޝަން ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމަށް އިސްކަންދޭކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓީރިއަލް ސެގްމެންޓުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖެ ފަދަ ޤައުމުތަކަށް އެކްރެޑިޓް ކުރެވިފައިވާ ތަމްރީނުތަކާއި، ސެޓިފިކޭޝަންތަކާއި، ސަރަޙައްދީ ފެންވަރުގައި މަޢުލޫމާތު ބަދަލުކުރެވޭނެ ޕްލެޓްފޯމްތަކަށް ވާސިލުވުމުގެ މުހިންމުކަން ވެސް ފާހަގަ ކުރަށްވާފައެވެ.

