ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށާއި، ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތަރިކައިގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޤައުމިއްޔަތު ދެމެހެއްޓުމަށް ކާބަފައިންގެ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ސަރުކާރުން މިހާރު ދަނީ ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ޚާއްސަ އިސްކަމެއް ދެމުންނެވެ. މީގެ ތެރޭގައި ދިވެހީންގެ ތަރިކައާއި ޤައުމުގެ މުހިންމު އާސާރުތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފާހަގަކުރެވެއެވެ.
“މިއިން ޒަމާނަކު އެ ދާއިރާއިން ނުކުރާހާ ގިނަ މަސައްކަތްތައް މިހާރު ދަނީ ކުރަމުން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އާސާރީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި މަސައްކަތުގެ ތެރެއިން ގިނަ އާސާރީ ތަންތަން މަރާމާތުކޮށް، އާ ތަންތަން ދިރާސާކޮށް، ރައްކާތެރިކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

