މިއަހަރުގެ އަޟްހާ ޢީދު ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ފުރުޞަތު ހުޅުވާލައި އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ “ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު” އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތެއް ކަމަށެވެ.
އަދި ޝައުގުވެރިވާ ރަށްރަށުގެ ފަރާތުން ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށާއި، އަމިއްލަ ފަރުދުންނާއ،ި ރަށުގެ ކްލަބްތަކާއި ޖަމިއްޔާތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް އެ ވުޒާރާގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ޕްރޮޕޯސަލްތައް ހުށަހަޅާ ރަށްރަށުން މަދުވެގެން ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވަންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.
އަޟްހާ އީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އަންނަ މެއި މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

