ަާއަންނަ ހޮނިހިރު ދުވަހުގެ ފަހުން ރެއާލް މެޑްރިޑުގެ ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިކޮށްފާނެ ކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ.
މި އަޑުތައް ގަދަވެފައި މިވަނީ ބުދަ ދުވަހުގެރޭ ކުޅުނު ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗުން އާސެނަލް އަތުން ބަލިވެ، ރެއާލް މުބާރާތުން ކެޓުމުންނެވެ.
އަންޗެލޮޓީ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާ އާއި ދެކޮޅަށް ކުޅޭ ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފަހު ކްލަބު ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އަންޗެލޮޓީ ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ.
ތިން ފަހަރު ރެއާލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީ ޖުމުލަ ފަސް ފަހަރު ތަށީ ކާމިޔާބު ކޮށްދިން ކޯޗަކީވެސް އަންޗެލޮޓީއެވެ.
މަގާމުން ވަކިކުރުމުގެ ވާހަކަތަކަށް ރައްދު ދެމުން އަންޗެލޮޓީ ބުނެފައިވާ ގޮތުގައި ކޮންމެ ކަމެއްގައި ވެސް ދެ ފަރާތް އޮންނަ ކަމަށާއި ރަނގަޅު ވަގުތާއި ދުވަސްތައް އެތައް ފަހަރަކު ދެކެ އިހުސާސްކޮށްފައިވާ ފަދައިން ހަޔާތުގައި ދިމާވާ އުނދަގޫ އަދި ދަތި ވަގުތުތަކާއި ވެސް ބައްދަލުކުރަންޖެހޭނެކަން ގަބޫލުކުރަންވާނެ ކަމަށެވެ.
ހަމައެއާއެކު، ފަހަރުގައި މާދަމާވެސް ކްލަބުން އާ ކޯޗަކު ހޯދަފާނެ ކަމަށާއި އެކަމަށް އޭނާގެ ފަރުވާލެއްނެތް ކަމަށާއި އެހެންނަމަވެސް ކުލަބުން ފުރުސަތު ލިބިއްޖެނަމަ އޭނާ އުފާކުރާނެ ކަމަށްވެސް އަންޗެލޮޓީ ބުންޏެވެ.
ޕީއެސްޖީ، ޗެލްސީ، އޭސީ މިލާނާއި ބަޔާން މިއުނިކް ފަދަ ކްލަބު ތަކަށް ކޯޗުކަން ކޮށްދީފައިވާ އަންޗެލޮޓީގެ އިންތިޒާރުގައި ދެން އޮތީ 5 ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ، ދުނިޔޭގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް ކަން ފާހަގަކޮށްލެވެއެވެ.

