ޒަކާތުގެ ނިޒާމަކީ މުޖުތަމަޢުން ފަޤީރުކަން ނައްތާލުން ކަށަވަރުކޮށްދޭ ނިޒާމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ފަރުޟު ޒަކާތާއި އިޤްތިޞާދާއި ހުރި ގުޅުން” މި މައުޟޫޢުގައި އިއްވި ޚުޠުބާގައި، ޒަކާތާ ބެހޭ ޝަރުޢީ އަދި އިދާރީ ކަންކަން އޮޅުންފިލުވައި ނަފުސު ހޭލުންތެރިކުރުވުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
ޚުޠުބާގައި ބުނިގޮތުގައި، ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެނަމަ، މަސައްކަތެއް ނުވަތަ ވަޒީފާއެއް ނެތް ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. އަދި މުޖުތަމަޢުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަ ނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެއެވެ.
“ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެކެވެ” މިފަދައިން ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުންކަމަށް ފާހަގަކުރިއެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމްދީނުގައި މުދާ ހޯދުމާއި، މިލްކުކުރުމާއި، ހޭދަކުރުމަށް ވަނީ ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައެވެ. މި ގޮތުން މުދަލުގެ ޙަޤީޤީ ވެރިފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމަށާއި، އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެންހުރި ފަރާތްކަން ބަޔާންކުރިއެއެވެ.

