ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި މާދަމާ މާލޭ މަގުމަތީ ހިނގާލުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.
މާދަމާ ހަވީރު 16:15 ހާއިރު ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާއިރު، މި ހިނގާލުމުގައި ލަޝްކަރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.
ހިނގާލުން ނިންމާލުމަށް ހަމަޖެހިފައި ވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

