1.5 ކިލޯއަށްވުރެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާ އުޅުނީ، މީހަކަށް އާސަންދަ ހޯދައިދިނުމުގައި އެހީތެރިވެދޭން ކަމަށް އޭނާ ކޯޓުގައި ބުނެފިއެވެ.
މިދިޔަ މާރިޗު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، ނަސީމީގެ، އުމުރުން 46 އަހަރުގެ މުހައްމަދު ޝާނީޒް އާއި މާލެ، މ. ސައިރިއަސް، އުމުރުން 39 އަހަރުގެ މުހައްމަދު ތިބާގި އަދި ވ. ރަކީދޫ، ޖަންބުގެ، އުމުރުން 35 އަހަރުގެ ފަރީދާ އަބްދުއްރަހްމާނެވެ.
މި ތިން މީހުން މިހާރުވެސް ތިބީ ބަންދުގައެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވުނު އެންމެ ފަހުގެ ބަންދު މަޖިލީހުގައި ފަރީދާ ބުނެފައިވަނީ، މަސްތުވާތަކެތި ފެނުނު ތަނަށް އޭނާ ދިޔައީ، އާސަންދައިން ފަރުވާ ހޯދައިދިނުމަށް އެގޭގައި އުޅޭ މީހަކަށް އެހީތެރިވެދިނުމަށް ކަމަށެވެ.
ނަމަވެސް ބަންދު އަމުރުން އެނގޭ ގޮތުގައި ފަރީދާވަނީ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވެސް ވެފައެވެ. ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކިރަން ބޭނުންކުރާ ބައެއް ސާމާނުވެސް އެ ތަނުން ފެނުނު ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންގެންދަނީ ތަހުގީގު ކުރަމުންނެވެ.

