އަޅުގަނޑަށް ތަކޫވަކުގެ ނަން އިވެމުން އައީ މާމަމެން ތަފާތު އެކިކަހަލަ ބޭސްތަކަށް ސާމާނު ހަމަ ކުރާއިރު އޭގެތެރޭގައި ހިމެނޭ ބާވަތެއްގެ ގޮތުގައެވެ. އެހެންނަމަވެސް ހަގީގަތަކީ ތަކޫވައް މިއީ ހަމައެކަނި ހަކީމީ ނުވަތަ ދިވެހި ބޭސްވެރިކަމާ ހިސާބުން އޭގެ ބޭނުން ނިމޭވަރަށްވުރެ މާބޮޑަށްވެސް އޭގެ މުހިންމު ބޭނުންތައް ހިފޭ ބާވަތަކަށް ވާކަމެވެ.
ތަކޫވައް ނުވަތަ އިނގިރޭސިބަހުން ބުނާނަމަ "ނަޓްމެގް" އަކީ ދިވެހިންގެ ބޭސްވެރިކަމުގައި އަދި ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ މަތިކަރާބޭހުގެ ބާވަތެކެވެ. މިއީ ގިނަ ފައިދާތަކެއް ލިބިގެންވާ، އަދި ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ޤުދުރަތީ ބާވަތެކެވެ. ތަކޫވަކަކީ ވަރަށް ގިނަ ބޭނުންތަކަށް އިސްތިޢުމާލުކުރެވޭ އެއްޗެކެވެ. މީގެ ތެރޭގައި އަތަރާއި ސެންޓް އުފެއްދުމާއި، ބަޓަރު އުފެއްދުމާއި، ކެއްސުމަށް ހުންނަ ސިރަޕް އަދި ދަތްއުނގުޅާ ބޭސް އުފެއްދުން ހިމެނެއެވެ. ތަކޫވަކުން އުފައްދާ ތެޔޮ ހުންނަނީ ސާފު ނުވަތަ މަޑު ރީނދޫ ކުލައިގައެވެ.
ހަކީމީ ބޭސްވެރިކަމުގައި ތަކޫވަކުގެ ބޭނުން: ހަކީމީ ނުވަތަ ދިވެހި ބޭސްވެރިކަމުގައި ތަކޫވައް، ނާރުތަކުގެ ނިޒާމާއި ހަޖަމުކުރާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރުމުގައި މި ބާވަތް ބޭނުންކުރެވެއެވެ. މީގެ އިތުރުން، ހަންގަނޑުގައި އުފެދޭ ކަޅުލަތާއި ފްރެކްލްސް ފަދަ މައްސަލަތަކަށް ވެސް ތަކޫވަކުން ފަރުވާ ލިބެއެވެ.
ހަންގަނޑަށް ތަކޫވަކުގެ ފައިދާ: ތަކޫވަކަކީ ހަންގަނޑުގެ ޞިއްޙަތަށް ވަރަށް މުހިންމު ބާވަތެކެވެ. މަރުވެފައި ހުންނަ ހަމުގެ ސެލްތައް ނެގުމާއި، ހަންގަނޑު އޮމާންކުރުމާއި، ހަންގަނޑަށް ދިރުން ގެނައުމުގައި ތަކޫވައް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޚާއްޞަކޮށް ތެޔޮ ހަންގަނޑަށް ތަކޫވަކަކީ ވަރަށް ރަނގަޅު ބާވަތެކެވެ.. ތަކޫވަކުގައި ޖަރާސީމު ނައްތާލުމުގެ ބާރު ހުރުމުގެ ސަބަބުން، އޮށާޅައިން ހަންގަނޑު ރައްކާތެރިކޮށްދެއެވެ. އަދި ހަމުގައި ހުންނަ ލޯވަޅުތައް ނުވަތަ ވިދިތައް ކުޑަކޮށްދީ، ހަންގަނޑު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ތަކޫވައް: ހަމައެކަނި ދިވެހިބޭހަކަށް ނޫން، މޫނު ރީތިކޮށްލުމަށް ވެސް / ފޮޓޯ:ކައިރޯ
ތަކޫވަކުން ތައްޔާރުކުރެވޭ ފޭސް މާސްކްތަކަށް ބަލާލާއިރު :
- ތަކޫވަކާއި ޔޯގަޓް މާސްކް
- ތަކޫވަކާއި މާމުއި މާސްކް
- ތަކޫވަކާއި ބޭކިންގ ސޮޑާ މާސްކް
ތަކޫވަކުން ތައްޔާރުކުރެވޭ ފޭސް މާސްކްތައް
ތަކޫވަކާއި ޔޯގަޓް މާސްކް
ބޭނުންވާނެ ތަކެތި:
- ތަކޫވައް (ހިމުންކޮށްފައި)
- ލުނބޯ ހުތް
- ޔޯގަޓް
ތައްޔާރުކުރާނެ ގޮތް:
ބޯތަށްޓެއްގައި ތަކޫވަކާއި، ލުނބޯ ހުތް އަދި ޔޯގަޓް އެއްކުރާށެވެ. މާސްކް ތައްޔާރުވުމުން މޫނުގައި އުނގުޅާށެވެ.
10 މިނިޓު ވަންދެން ބަހައްޓާށެވެ. ފިނިފެނުން ދޮވެލާށެވެ. މޮއިސްޗަރައިޒަރ އެއް އުނގުޅާށެވެ.
މި ފަރުވާ ހަފްތާއަކު މަދުވެގެން 3 ފަހަރު ތަކުރާރުކުރުން އެދެވިގެންވެއެވެ.

ތަކޫވައް: ހަމައެކަނި ދިވެހިބޭހަކަށް ނޫން، މޫނު ރީތިކޮށްލުމަށް ވެސް / ފޮޓޯ:ކައިރޯ
ތަކޫވަކާއި ބޭކިންގ ސޮޑާ މާސްކް
ބޭނުންވާނެ ތަކެތި:
- މާމުއި
- ބޭކިންގ ސޮޑާ
- ކަރަންފޫ ތެޔޮ
- ތަކޫވައް
- ލުނބޯ ހުތް
ތައްޔާރުކުރާނެ ގޮތް:
މާމުޔާއި ބޭކިންގ ސޮޑާ ރަނގަޅަށް އެއްކުރާށެވެ. އޭގެތެރެއަށް ކަރަންފޫ ތެޔޮ އަޅައި ޕޭސްޓް ތައްޔާރުކުރާށެވެ.
ޕޭސްޓްގެ ތެރެއަށް ލުނބޯ ހުތާއި ތަކޫވައް އަޅައި ރަނގަޅަށް އެއްކުރާށެވެ. ހަންގަނޑުގައި އުނގުޅައި 2 މިނިޓު ވަންދެން މަސާޖްކުރާށެވެ.
ހިހޫ ފެނުން މޫނު ދޮވެ ހިއްކާށެވެ.
ސަމާލުކަމަށް: މޫނުގެ ހަންގަނޑަށް ތަކޫވަކުގެ އަސަރު ފޯރުމުން ކުޑަކޮށް ހިރުވާނެއެވެ. މި މާސްކްތަކަކީ މަރުވެފައި ހުންނަ ހަމުގެ ސެލްތައް ނެގުމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.
މާސްކް ބޭނުންކުރުމުގެ ކުރިން އަބަދުވެސް މޫނު ރަނގަޅަށް ސާފުކުރަން ޖެހޭނެއެވެ. އެއްވެސް އެލަރޖީއެއް ވާނަމަ، ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
ތަކޫވަކާއި މާމުއި މާސްކް
ބޭނުންވާނެ ތަކެތި:
- ތަކޫވައް (ހިމުންކޮށް މުގުރާފައި)
- މާމުއި
ތައްޔާރުކުރާނެ ގޮތް:
ދެ ބާވަތް ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި ޕޭސްޓް ހާކާށެވެ. 10 މިނިޓު ވަންދެން ބެހެއްޓުމަަށްފަހު ހިހޫ ފެނުން މޫނު ދޮވެލާށެވެ.

ތަކޫވައް: ހަމައެކަނި ދިވެހިބޭހަކަށް ނޫން، މޫނު ރީތިކޮށްލުމަށް ވެސް / ފޮޓޯ:ކައިރޯ
ތަކޫވަކުގެ ޚާއްޞަ ފައިދާތައް
- އެންޓި-އޮކްސިޑެންޓް އެކުލެވޭ
- ޒުވާންކަން ދަމަހައްޓައިދޭ
- އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދޭ
- މަރުވެފައިވާ ސެލްތައް ނައްތާލައިދޭ
- ހަންގަނޑުގެ ރޫތައް ނައްތާލައިދޭ
މުހިންމު އިރުޝާދުތައް
- ހަންގަނޑަށް ބަދަލު އައިސް ރީތިކަން ދެމެހެއްޓުމަށް މި ފަރުވާތައް އާދަވެގެން ދޭންވާނެއެވެ.
- ކޮންމެ ފަހަރަކުވެސް މާސްކް އެޅުމުގެ ކުރިން މޫނު ރަނގަޅަށް ސާފުކުރަންވާނެއެވެ.
- މާސްކް އެޅުމަށްފަހު މޮއިސްޗަރައިޒަރ އެއް ބޭނުންކުރުން މުހިންމެވެ.
- އެއްވެސް ކަހަލަ އެލަރޖީއެއް ވާނަމަ، ބޭނުންކުރުމުގެ ކުރިން ކުޑަ ސަރަޙައްދެއްގައި ޓެސްޓްކޮށްލަންވާނެއެވެ.
ތަކޫވަކަކީ ޤުދުރަތީގޮތުން ލިބިފައިވާ، ވަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ އަގުހުރި ބާވަތެކެވެ. ބޭސްވެރިކަމުގައާއި، ހަންގަނޑުގެ ފަރުވާގައާއި، އަދި ކެއްކުމުގައި ވެސް މި ބާވަތް ބޭނުންކުރެވެއެވެ. އެހެންކަމުން، ތަކޫވަކަކީ ކޮންމެ ގެއެއްގައިވެސް ހުންނަންޖެހޭ މުހިންމު ބާވަތެކެވެ.

